ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ޖިއްދާއިން ފުރާވަޑައިގަތީ މިއަދުއެވެ. ރައީސްގެ ދެކަނބަލުން ސައުދީން ފުރާވަޑައިގަތުމުގެ ކުރިން، ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލާވީ އަލް ސައުދު ވަނީ އަލްވަދާއު ވިދާޅުވެފައެވެ.
ރައީސްގެ ދެކަނބަލުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ސައުދީއަށް ފުރާވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާބޯޓެއްގައެވެ. އަދި ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގެ މެހުމާންދާރީގެ އެންމެހައި ކަންކަން ބެލެހެއްޓެވީވެސް ސައުދީ ސަރުކާރުންނެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާވެސް ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.


