ދީނީ ދަރުސްތައް ދެއްވުމަށް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި، ރާއްޖޭގެ ނަންމަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަހުމަދު މިއަދު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވެވަޑައިގެންފައިވަނީ މެލޭޝިޔާގެ އެއާޕޯޓަށް ވަޑައިގަތުމަށްފަހުގައެވެ.
ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުފުޅުގައި، އެއާޕޯޓުގެ ތެރެއަށް ވަދެވަޑައިގަތުމަށްފަހު ކުއްލިއަކަށް ޝައިޚް ފަރީދުގެ ހާލު ގޯސްވެވަޑައިގެން އަވަހާރަވެވަޑައިގެންފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އިސްލާމްދީނާއި ރަސޫލާގެ ސުންނަތް އުނގަންނައިދެއްވުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޝައިޚް ފަރީދަކީ، ރާއްޖޭގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ދީނީ އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. އެމަނިކުފާނުގެ ދަރުސްތަކަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދަރުސްތަކެކެވެ.
އެމަނިކުފާނުގެ އަވަހާރައާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، "މިއީ އިސްލާމީ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ. އަދި "ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތްޕުޅުތަކުގައި ފާހަގަކޮށްލެވޭ އުސްތާޒެއް" ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޝައިޚް ފަރީދުގެ އަވަހާރައާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ ތައުޒިޔާ ފާޅުކޮށްފައެވެ.


