Tuesday, 28 July 2026

އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން އެޗްޕީއޭއިން ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށައިފި

ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން އެޗްޕީއޭއިން ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ

އިއްޔެ މި ބަލީގައި 24 އަހަރުގެ ދިވެހި ޒުވާނެއް ނިޔާވުމާ ގުޅިގެން، އެޗްޕީއޭއިން މިހާރުވަނީ ބަލި ޖެހިފައިވާ ފަރާތާ ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. މިއަދު ވަނީ މިކަން ކަށަވަރުކޮށް އާންމުކޮށް އަންގާފައެވެ.

އެޗްޕީއޭއިން އިއްޔެ އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން، ބަލި ޖެހިފައިވާ ފަރާތާ ގުޅުން ހުރި މީހުން ހޯދައި، ނުރައްކާތެރިކަން ބޮޑު މީހުންނަށް ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންވޭސިވް މެނިންގޯކޮކަލްއަކީ ބެކްޓީރިއާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ރާއްޖެއިން ފެންނަނީ ގިނަފަހަރު ބޭރު ޤައުމުތަކުން އަންނަ މީހުންގެ ފަރާތުންނެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ. މީގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހި ނެގުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލި ގޯސްވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުމުގެ (ސެޕްސިސް) ފުރުސަތު އޮވެއެވެ.

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހަކާ ދިގު މުއްދަތަކަށް ވަރަށް ގާތުން މުއާމަލާތްކުރާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ފާއިތުވި އަހަރުގެ ޖޫން 25 ގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އާރިފް (ބަކާ) ނިޔާވެފައިވަނީވެސް މި ބަލީގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *