ޙައްޖުގެ އަޅުކަމާއި ޢީދު ކަނޑައެޅުއްވީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން އާލާކޮށް، އެކުވެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފިއެވެ.
މިއަދަކީޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އުފާވެރި ޢީދުލްއަޟްޙާއެވެ.
މިއަދުގެ ޚުތުބާގައި ވަނީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް މި ދުވަހު ފުރިހަމަކުރެވޭތީ، މި ޢީދު ޚާއްޞަކުރެވިފައިވާ ކަމަށް ފާހަގަކޮށްފައެވެ. މިގޮތުން، ޙައްޖުވެރިން މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލައުކައި، އޭގެފަހުގައި ބޯބާލައި ނުވަތަ ކޮށައި، ހަދްޔު ޛަބަޙަކޮށް، ޠަވާފުލްއިފާޟާ ކުރާނެކަން ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވާ މުސްލިމުންގެ މި މަތިވެރި އެއްވުމަކީ، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި މާތްﷲގެ ޙަޟްރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ބައިނަލްއަޤްވާމީ އެއްވުމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއިން ޢިބުރަތް ޙާޞިލުކުރުމަށާއި، މާތްﷲއަށް ތަޤުވާވެރިވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.
"ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެއް،" ޚުތުބާގައި ހަނދާންކޮށްދިނެވެ.


