Tuesday, 28 July 2026

މިނިވަން ދުވަހަށް ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ހާމަކޮށްފިއެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ.

މި ދަތުރުފުޅާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނީ މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެންނެވެ. އެ ދަތުރުފުޅުގައި ހަލީލް ވަނީ ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މޯދީއަށް ދެއްވި ދައުވަތު އާކުރައްވާފައެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ފާހަގަކުރި ގޮތުގައި، މި ދަތުރުފުޅަށް އެންމެ ގާތް ތާރީހެއްގެ ގޮތުގައި ބެލެވެނީ 26 ޖުލައި އެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަހާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކަނޑައަޅާފައިވާ ދުވަސް ވެސް މެއެވެ.

މި ސަރުކާރު އައުމުގެ ކުރިން "އިންޑިއާ އައުޓް" ކެމްޕެއިނެއް ހިންގި ނަމަވެސް، މިހާރު ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. މި ގޮތުން ފޮރިން މިނިސްޓަރު ހަލީލް ވަނީ އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، "އިންޑިއާ އައުޓް" އަކީ ކުރީގެ ރައީސް ޔާމީންގެ ހަރަކާތެއް ކަމަށާއި، އެކަމުގައި މި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ އެމްޑީޕީގެ ސަރުކާރުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އޭގެ ކުރިން މޯދީ ވަނީ ރައީސް ސޯލިހްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *