ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ފަހުން ބޭއްވުނު މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅޭ މަޝްވަރާތައް ހިމަނާފައި ނުވާތީ، އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރު ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް އެ ގައުމުން ދަށްކޮށްދީފައިވެއެވެ.
"އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ 0 ޕަސެންޓަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި، ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރާ މަހުގެ ވެލިއު އެޑެޑް އުފެއްދުމަކީ ދަޅުމަހެވެ. އަދި އޭގެ ތެރެއިން 50 ޕަސެންޓް އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށެވެ. މަހުގެ ޑިއުޓީ ކަނޑާލުން ހިމެނޭ ގޮތުން އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެ، އިނގިރޭސި ސަރުކާރުން 2023 ޖޫން 8 ގައި އެ ގައުމުގެ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށާއި، އެ އެއްބަސްވުން މިއަހަރު ތަންފީޒުކުރަން ތާވަލުކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
ނަމަވެސް މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި އެފްޓީއޭގެ މަޝްވަރާތައް ހިމަނާފައި ނުވާތީ، އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މިއީ މަސްވެރިންނަށް ގެއްލުންވާނެ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މަޝްވަރާތަކުން އެކަން އުނިކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައިވެއެވެ.


