Tuesday, 28 July 2026

ބަންޑާރަނައިބު އޮފީހުގެ ބިލު ތަސްދީގު ކުރައްވައިފި

ބަންޑާރަނައިބު (އޭޖީ) އޮފީހަށް ޑެޕިއުޓީ އޭޖީއަކު އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޭޖީ އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ. މި ބިލު ތަސްދީޤުވުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ދިވެހިރާއްޖޭގައި ތަންފީޒުވެގެންދާނެއެވެ.

މި އައު ޤާނޫނުގައި ބަންޑާރަނައިބުކަމުގެ މަޤާމަށް ޢައްޔަންކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުޠުތަކާއި، އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އަދި ސިވިލް ސަރވިސްގެ ދާއިރާއިން ބޭރުގައި، ވަކި މުސްތަޤިއްލު އޮފީހެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީސް ހިންގުމަށް ވަނީ ނިންމާފައެވެ.

ކުރީގައި ބަންޑާރަނައިބުގެ އޮފީސް ހިންގަމުން އައީ ސިވިލް ސަރވިސްގެ ދަށުން ކަމުގައިވީ ނަމަވެސް، ޤާނޫނުއަސާސީގައި އެ އޮފީހަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މިހާރު އެހެން މިނިވަން މުއައްސަސާތަކެކޭ އެއްފަދައިން ވަކި ޤާނޫނެއްގެ ދަށުން ހިންގޭ ތަނަކަށް ވެގެންދާނެއެވެ.

އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލް، ސެކްރެޓަރީ ޖެނެރަލް އަދި ލީގަލް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް ކަނޑައެޅޭ ފަރާތްތަކެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފިނޭންސްއެވެ.

މުވައްޒަފުންނަށް ޞިއްޙީ އިންޝުއަރެންސްގެ ޚިދުމަތާއި، ވަޒީފާއިން މުސްކުޅިކުރެވޭއިރު ދެވޭ އިނާޔަތްތައްވެސް މި ޤާނޫނުގައި ހިމެނިފައިވެއެވެ. މި ޤާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، 90 ދުވަހުގެ ތެރޭގައި ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *