Tuesday, 28 July 2026

ކުރީގެ ސަރުކާރުން އިއުލާންކުރި ދާއިމީ ލިސްޓަށް ފްލެޓް ދޭން ނިންމައިފި

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ލިބޭނެކަމަށް އިޢުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހު އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންއިން އިޢުލާންކޮށްފައިވާ ލިސްޓެވެ. "އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ލިސްޓަށް ޢަމަލުކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 2007 ވަނަ އަހަރުގެ ކުރިން މާލޭގައި ދިރިއުޅެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ފަރާތްތަކަކީ ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކެއްގެ ގޮތުގައި ބެލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމުމުގައި ބަލާފައިވަނީ، ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށްފަހު އަނބުރާ ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ވަރަށް މަދުން މެނުވީ ހިނގާ ކަމެއް ނޫންކަމަށް ވާތީއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 4،000 ފްލެޓް ހަދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފްލެޓަށް ޝަރުތު ހަމަވާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *