Thursday, 29 October 2026
ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް : ފޮޓޯ ރައީސް އޮފީސް

ނައިބު ރައީސް އިންނެވި މަތިންދާބޯޓެއްގައި ބޮމު އިންޒާރެއް ލިޔެފަ ހުރެގެން ބޯޓު އަނބުރާ ޖައްސައިފި

މިދިޔަ އަންގާރަ ދުވަހު ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު ދަތުރުކުރެއްވި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގައި ބޮމު އިންޒާރެއް ލިޔެފައި ހުރުމާ ގުޅިގެން އެ ބޯޓު އިމަޖެންސީކޮށް އަނބުރާ ޖައްސައިފިއެވެ.

ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެލިސްއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު ނަންބަރު 1169 ގައި ދިމާވި މި ހާދިސާއަކީ އެ ބޯޓުގެ ފާހާނާއެއްގެ ލޯގަނޑުގައި ހުރި ލިޔުމަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަޅަންޖެހުނު ފިޔަވަޅެއް ކަމަށް އެ އެއާލައިނުން މަޢުލޫމާތު ދީފައިވެއެވެ.

ބޮއިން 777 މަރުކާގެ އެ މަތިންދާބޯޓުގައި 339 ފަސިންޖަރުންނާއި 10 ކްރޫ މެންބަރުން ދަތުރުކުރިއެވެ. މި ހާދިސާއާ ގުޅިގެން އެފްބީއައި އިން ވަނީ ތަހުގީގެއް ފަށައިފައެވެ. ނައިބު ރައީސް ހަވާއީއަށް ވަޑައިގެންނެވީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދަޢުވަތަކަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި، ފްލައިޓު އިމަޖެންސީގައި ހޮނޮލުލޫއަށް ޖެއްސުމަށްފަހު ނައިބު ރައީސް ވަނީ އެހެން ފްލައިޓެއްގައި ދަތުރު ކުރިއަށް ގެންދަވާފައެވެ.

މި ހާދިސާއަކީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވި ނުރައްކަލެއްގެ ގޮތުގައި ބެލެވޭއިރު، މިފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ އެއާލައިންތަކުގެ އިޖުރާއަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *