ކުރިންވެސް އިއުލާންކޮށްފައިވާ އަޟްހާ އީދު ބަންދުގެ ދުވަސްތައް ބަންދު ދެމެހެއްޓުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާންކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ހައްޖު ދުވަސް ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ ކަލަންޑަރުގައި ކުރިން އޮތް ގޮތަށް ކަމަށެވެ. އެއީ ޖޫން މަހުގެ ފަސްވަނަ ދުވަހަށެވެ.
މިއަހަރުގެ އީދު ބަންދުގެ ގޮތުގައި ރަސްމީކޮށް ލިބޭނީ ދެ ދުވަހެވެ. އެއީ ޖޫން މަހުގެ އަށެއް އަދި ނުވަވަނަ ދުވަހަށް ދިމާވާ އާދީއްތަ އަދި ހޯމަ ދުވަހެވެ. މިއަހަރު އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދާ ކަމަށްވާތީ، އިތުރު ދެ ދުވަހުގެ ބަންދެއް ދިނުމަށް ވަނީ ނިންމާފައެވެ.
އަޟްހާ އީދާ ގުޅިގެން މިފަހަރު ދެ ދުވަހުގެ ބަންދެއް ކަނޑައެޅިފައިވީ ނަމަވެސް، ވޭތުވެދިޔަ ރަމަޟާން މަހުގެ ފަހު 10 ދުވަހާއި ފިޠުރު އީދާ ގުޅިގެން ޖުމްލަ 15 ދުވަހުގެ ދިގު ބަންދެއް ސަރުކާރުން ދީފައިވާކަން ފާހަގަކުރެވެއެވެ.


