Tuesday, 28 July 2026

ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މޯލްޑިވިއަންގެ ބޯޓެއްގައި ސަޢުދީއަށް ފުރައިފި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ހެނދުނު 8:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ފުރައިފިއެވެ. މި ފްލައިޓުގައި 255 ޙައްޖުވެރިން ފުރާފައިވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ހާމަކުރެއްވި ގޮތުގައި އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް ޙައްޖުވެރިން ދަތުރުކުރަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. މި ފްލައިޓް ޖިއްދާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާނެކަމަށް ލަފާކުރެވެނީ ޖިއްދާ ގަޑިން 11:00 އެހާއިރުގައެވެ. ކުރީގެ އަހަރުތަކުގައި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ ސަޢުދީ އެއަރލައިންތަކާއި އެހެނިހެން ބޭރުގެ އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.

ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުންނާއި ހުޅުމާލެއިން 2 ރޫޓަކުން އެއަރޕޯޓަށް ދިއުމަށް ބަސް ދަތުރުތައް ހަމަޖައްސާފައެވެ. މި ދަތުރުތައް ފެށިފައިވަނީ ރޭ ދަންވަރު 3:00 ގައެވެ. އަދި ބަސް ހުއްޓޭ ހުރިހާ ޕޮއިންޓްތަކެއްގައި ފުލުހުންނާއި ސްކައުޓުން ވަނީ ހަރަކާތްތެރިވެފައެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު އިއްޔެ ފުރާފައިވާއިރު، އެންމެ ފަހު ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މިއަހަރުގެ ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ މަރުޙަލާތައް ފުރިހަމަކުރުމަށްފަހުގައެވެ.

މި ޚާއްސަ އިމްތިޔާޒު ދިވެހި ޙައްޖުވެރިންނަށް ލިބިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *