ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމަށް އެކުލަވާލެވިފައިވާ ގާނޫނެކެވެ.
އާ ގާނޫނުން އަންނަ މުހިންމު ބަދަލުތައް
މި ގާނޫނުގެ ދަށުން ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމަށް އެޅޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ގޭންގުތަކާއި ގުޅިފައިވާ ފަރާތްތައް ކޯޓު މެދުވެރިކޮށް ކަނޑައެޅުމާއި، ގޭންގުތަކަށް ފައިސާ ހަރަދުކުރާ ފަރާތްތައް ހުއްޓުވުން ހިމެނެއެވެ. އަދި ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، ކުޑަކުދިން ގޭންގު ހަރަކާތްތަކުން ދުރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރުން ހިމެނެއެވެ. މި މުއްދަތުގައި 31,511 މީހުން ހުއްޓުވައި ސުވާލުކޮށް، 180 މީހަކު ހައްޔަރުކުރެވި، 83 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައިވާކަން ފާހަގަކުރެވެއެވެ.
މި ބިލަކީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ. ރައީސް ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.


