Tuesday, 28 July 2026

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސަސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އައު އިމާރާތް އޮރެންޖް ހިޔާގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އައު އިމާރާތަށް ބަދަލުވުމާއެކު، ކުރިން 200 ޕައިންޓުގެ ލޭ ރައްކާކުރެވޭ ވަރު މިހާރު ވަނީ 600 ޕައިންޓަށް އިތުރުކުރެވިފައެވެ. މީގެ އިތުރުން ޖެނެރަލް ވޯޑުގެ އިތުރަށް އަންހެނުންނާއި ކުޑަކުދިންނަށް ވަކި ހާއްސަ ވޯޑުތަކެއް މި އައު އިމާރާތުގައި ޤާއިމުކުރެވިފައިވެއެވެ.

"މި ސެންޓަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު 16 މުވައްޒަފުން ވަނީ ހަމަޖެހިފައި. އޭގެ ތެރޭގައި ފަސް ނަރުހުންނާއި، ހަ ލެބް ޓެކްނީޝަނުން އަދި ދާއިމީ ފިޒީޝަނެއް ހިމެނޭ،" މިނިސްޓްރީ އޮފް ހެލްތުގެ އިސް ވެރިއެއް ވިދާޅުވިއެވެ.

ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، އޮރެންޖް ހިޔާއަށް ދަތުރުކުރުމަށް ހާއްސަ ބަސް ކާޑެއް ތައާރަފުކޮށް، ބަހުގެ ހިދުމަތްވެސް މިހާރު ވަނީ ފެށިފައެވެ. އަދި ސެންޓަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިންގ ބޯޑުގެ ދަށަށް ބަދަލުކުރެވި، ހިދުމަތުގެ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ.

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ އެކި ބައިތައް ބައްލަވާލައްވައި، ހިދުމަތްދޭ އަދި ހިދުމަތް ހޯދާ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހިޔާލުތައް އަޑުއައްސަވާފައެވެ. އަދި ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *