Wednesday, 29 July 2026

ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

ޤައުމަށްޓަކައި އީމާންތެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. މި އިލްތިމާސް ރައީސް ކުރައްވާފައިވަނީ 1447 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވުނު ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށް ދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީއާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާއެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނެކަން ކަށަވަރެވެ. އަދި "ކޮންމެ މީހަކީވެސް އިސްލާމްދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއް" ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙްތިރާމުގެ މައްޗަށެވެ. އަދި ޙަޤީޤީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށާއި، ހިތުގައި ޤައުމިއްޔަތު ޢާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޖަލްސާގައި ރައީސް މުޢިއްޒު ވަނީ، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވި އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އާދަމް ޢަބްދުއްރަޙްމާނުގެ ޚިދުމަތްތައް ވަކިން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *