ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށް، ނޮވެމްބަރު މަހު ފުރިހަމައަށް ހިދުމަތް ދޭން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދެކުނު ތިލަދުންމަތީ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެއަރޕޯޓުގެ މަސައްކަތް ލަސްވެފައިވާކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ފުރިހަމައަށް ތައްޔާރުވެފައި ހުންނާނެކަން ރައީސް ޔަގީންކޮށްދެއްވިއެވެ. މީގެ އިތުރުން، ބޭރަށް ދަތުރުކުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެއްސުމަށް އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ހުޅުވޭނެ ކަމަށާއި، އެއަރޕޯޓުން ބޭރުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަނިމާދޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި، އަންނަ މަހު 500 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވޭނެ ކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ. އަދި 2026 އިން 2027 އަށް 17 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއުއެއް ހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އައު ސްކޫލް އިމާރާތެއް އެޅުމާއި، ޕޮލިސް ސްޓޭޝަނެއް އެޅުމާއި، ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް އަދި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފެށޭނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އަދި މިހާރު ހުރި ހެލްތު ސެންޓަރުގައި މިއަހަރު ނިމުމުގެ ކުރިން ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށާއި، ގައިނެކޮލޮޖިސްޓަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ރަށުގައި ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ހަނިމާދޫއަކީ ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގައި ހަނިމާދޫއަށް މުހިންމު މަގާމެއް ލިބިގެންދާނެކަން އަލިއަޅުވާލައްވާފައެވެ.


