ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންޓަރނަލް މެނޭޖްމަންޓަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން ބީއޭއެމްގެ މެމްބަރޝިޕް ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
މި ނިންމުން އަންގާފައިވަނީ އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ސަމޫހު އަހުމަދަށް ބީޑަބްލިއުއެފްގެ ސެކްރެޓަރީ ޖެނެރަލް ތޯމަސް ލުންޑް ފޮނުވި ރަސްމީ ލިޔުމަކުންނެވެ. މި ސަސްޕެންޝަނާ ގުޅިގެން ބީއޭއެމްއަށް ލިބެމުން އައި ބައިނަލްއަޤްވާމީ ފުރުސަތުތައް ވަނީ މެދުކެނޑިފައެވެ.
މި ސަސްޕެންޝަނާ ގުޅިގެން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމާއި، ކުޅުންތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކާއި، އެވޯޑު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފައެވެ.
މި މައްސަލަ ދިމާވެފައިވަނީ ބީއޭއެމްގެ އިންޓެރިމް ކޮމިޓީއަށް މެންބަރުން އައްޔަންކުރުމުގައި އުފެދުނު ޚިލާފާ ގުޅިގެންނެވެ. އިންޓެރިމް ކޮމިޓީ އެކުލަވާލުމުގައި ފުރަތަމަ އެއްބަސްވެފައިވަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދުމަށެވެ. ނަމަވެސް، އޮލިމްޕިކް ކޮމިޓީއިން އިތުރު ދެ މެންބަރުން ހިމެނުމަށް ނިންމައި، އެ ދެ މެންބަރުން އައްޔަންކޮށްފައިވަނީ ބީޑަބްލިއުއެފް އާއި އެހެން މެންބަރުންގެ މަޝްވަރާއަކާ ނުލައެވެ.
މި ސަސްޕެންޝަން ނިމުމަކަށް ގެނައުމަށްޓަކައި، ބީޑަބްލިއުއެފްގެ ގަވާއިދުތަކާ އެއްގޮތަށް ބީއޭއެމްގެ އިންޓަރނަލް މެނޭޖްމަންޓް އިސްލާހުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ބީޑަބްލިއުއެފްއިން ވަނީ އިންޒާރު ދީފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައިވެއެވެ.


