Tuesday, 28 July 2026

އާރްޓީއެލްގެ ޚިދުމަތް ތަރައްޤީކުރުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީއެއް ދޭން ނިންމައިފި

ރާއްޖޭގެ ފެރީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ބަލަ ސުބްރަމާނިއަމެވެ.

މި އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެރީ ޓާމިނަލްތައް ގާއިމުކުރެވޭނެ ކަމަށާއި، އަދި ފެންވަރު ރަނގަޅު އުޅަނދުފަހަރު ގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިއާ ހައި ކޮމިޝަނަރު ސުބްރަމާނިއަމް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އިންޑިއާގެ އިސް އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާމެދު އުއްމީދު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާރްޓީއެލްގެ ފެރީ ޚިދުމަތަކީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. މިހާރު މި ޚިދުމަތް ދެމުން އަންނަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށެވެ. އަދި މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *