Tuesday, 28 July 2026

މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް މިއަދު ވަނީ ނިމުމަކަށް އައިސްފައެވެ. މި ދައުރުގައި މަޖިލީހުގެ ތަޅުމުގައި 59 ގަޑިއިރުގެ މަސައްކަތް ކުރެވި، 32 ޖަލްސާ ބޭއްވިފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ.

މި ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކޮމިޓީތަކުގެ 193 ބައްދަލުވުން ބޭއްވި، އެ މަސައްކަތުގައި 139 ގަޑިއިރު ހޭދަކުރެވުނެވެ. އަދި މި ދައުރުގައި ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 77 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައިކަން މަޖިލީހުގެ ރައީސް ހާމަކުރެއްވިއެވެ.

ދައުރު ނިމިގެންދިޔައިރު، އިމިގްރޭޝަން ގާނޫނަށް ގެނެވުނު އިސްލާހާއި، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހު ހިމެނޭ ގޮތަށް ޖުމުލަ ނުވަ ބިލެއްގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި މީގެ އިތުރުން މިއަދު ބޭއްވުނު އެންމެ ފަހު ޖަލްސާގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ވެސް ވަނީ ފާސްކުރެވިފައެވެ.

ދައުރު ނިންމަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ "މަޖިލީހުގެ މެންބަރުން މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ" ކަމަށެވެ.

އެހެންނަމަވެސް، މި ދައުރުގައި ގިނަ ޖަލްސާތަކެއް ކެންސަލްވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ބުނެފައިވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި، ކޮމިޓީތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *