ހައްވާ ޔުމްނު ރަޝީދު (21) ފުރާޅެއް މަތިން ވެއްޓުނު މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއްގައި އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، އެމްޑީޕީގެ 12 މެންބަރުން ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމާ ގުޅިގެން މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ، މި މައްސަލައާ އޭނާއާ ދެމެދު "ޒައްރެއްގެ މިންވަރުގެ ގުޅުމެއް ވެސް" ނެތް ކަމަށެވެ.
"އޮތް ގުޅުމަކީ އަޅުގަނޑު ވެސް ދިވެއްސަކަށް ވީތީ އޮތް ގުޅުމޭ. އަޅުގަނޑު މި މާލޭގައި އުޅޭތީ އޮތް ގުޅުމޭ،" އަމީން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ހާދިސާ ހިނގި ރޭ ޔުމްނުއާއި އޭނާއާއެކު އުޅުނު ބަޔަކު ފުރަތަމަ ދިޔައީ އަމީންގެ އާއިލީ ގެކޮޅު ކަމަށްވާ މއ. މާންދޫގެދެކުނުގެއަށެވެ. އެ ގޭގައި "ޕާޓީކުރި" ކަމަށް ތުހުމަތުކުރެވޭއިރު، ހާދިސާ ހިނގިއިރު ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މިއަދު އޭނާގެ ބަންދު މުއްދަތަށް އިތުރު 20 ދުވަސް ވަނީ އިތުރުކޮށްފައެވެ.
މި މައްސަލައިގައި އަމީންގެ ގެކޮޅުގައި ހުރި ސީސީޓީވީ ކެމެރާތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ފުޓޭޖްތައް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން މީހުން ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރުމުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރެވުނު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.


