ކުޑަކުދިން ކުށުގެ ވެށްޓަށް ވެއްޓުމުން ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ފާހަގަކުރައްވައި، މިކަމަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިއަދު ފާހަގަކުރައްވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025″ ގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކުޑަކުދިން ކުށުގެ ވެށްޓަށް ދިއުމުގައި އެ ކުދިންގެ މާހައުލާއި މުޖުތަމައުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ހިމެނޭ ކަމަށެވެ.
މިކަމުގެ ނުރައްކާތެރިކަން ސާބިތުކޮށްދޭ ހެއްކެއްގެ ގޮތުގައި މެޑަމް ސާޖިދާ ފާހަގަކުރެއްވީ، އުމުރުން 14 އަހަރުގެ ކުއްޖަކު މީހަކު މަރާލައިގެން ހައްޔަރުކުރެވުނު އިރު، އޭގެ ކުރިން އެ ކުއްޖާއާ ދައުލަތުގެ އިދާރާތަކުން 191 ފަހަރު ބައްދަލުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް އަހަރަކު ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ހޭދަކުރާއިރު، މި ފައިސާ ހޭދަކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިތޯ ބަލަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި ކުށުގެ ވެށްޓަށް ވެއްޓޭ ކުދިންނަކީ ގިނަ ފަހަރަށް އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިން ކަމަށްވާތީ، އެ ކުދިންނަށް އެހީތެރިވުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ކުޑަކުދިންގެ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އަދަބު ދިނުމުގެ ބަދަލުގައި ކުށުން ސަލާމަތްކުރުމަށް އަމާޒުކުރެވޭ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ވެސް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.


