Tuesday, 28 July 2026

އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް އާއި ބައްދަލުކުރައްވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިސެން ބްރާހިމް ޠާހާ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ދިވެހިރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމު ކަމަށެވެ. މީގެއިތުރުން، ރާއްޖޭގައި ޤާއިމުކުރެވިފައިވާ މުއައްސަސާތަކުގެ ފެންވަރާމެދު އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުކުރެއްވުން ނިމުމުގެ ކުރިން، އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒާއި ސެކްރެޓަރީ ޖެނެރަލް އެކަކު އަނެކަކަށް ދެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *