މޫސުން ގޯސްވެ، ވިއްސާރަވެ، ވައި ގަދަވެފައިވާތީ ކަނޑާއި އެއްގަމުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީއެވެ. މިގޮތުން މެޓްއިން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލެއް ނެރެ، މިއަދު ހަވީރު 6:30 އިން 11:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް ފުލުހުން ވަނީ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އިރުޝާދު ދީފައެވެ. އަދި އުޅަނދުފަހަރަށް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް އަންގާފައިވެއެވެ.
މީގެއިތުރުން އެއްގަމުގައި އުޅަނދު ދުއްވާ ފަރާތްތަކަށް ފުލުހުން ވަނީ ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ. އަދި ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުމަށާއި، ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުމަށާއި، ވިއްސާރައިގައި ހެޑްލައިޓް ދިއްލައިގެން ދުއްވުމަށާއި، ވަޔާއެކު ހަލާކު ނުވާނެފަދަ ވިއްސާރަ ކޯޓެއް ބޭނުންކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.


