Tuesday, 28 July 2026

ސަރަހައްދީ އިސްލާމިކް ފައިނޭންސް ހަބަކަށް ހަދަން 250 މިލިއަންގެ މަޝްރޫއެއް ފަށައިފި

ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިންގ ހަބަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން 250 މިލިއަން ރުފިޔާގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ. "މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" ނުވަތަ "މިސްފީ" ގެ ނަމުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މެލޭޝިޔާގެ ބޭންކް އިސްލާމްގެ ސަދަގާތު ހައުސްއިން ކޮށްފައިވާ ދިރާސާތަކަކަށް ފަހު ފަށާ މި މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބައިވެރިވެ އެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބީއެމްއެލްއިން 200 މިލިއަން ރުފިޔާ އާއި، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި މަރުކަޒީ ބޭންކް، އެމްއެމްއޭއިން 20 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ގައުމުގެ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. "އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖެއަކީ ސަރަހައްދީ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ހެދުމެވެ. އަދި މިއީ އެމްއެމްއޭގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން މުޖުތަމައުގެ ކޮންމެ މީހަކީ ވެސް ގައުމުގެ އިގްތިސާދުގައި ބައިވެރިވުން އޮންނަ ބަޔަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *