އިންޑިއާގެ ސަރަޙައްދީ އެއްބާރުލުމުގެ ދަށުން، އިންޑިއަން ނޭވީގެ އައި.އެން.އެސް ޝާރދާ މިއަދު މާފިލާފުށްޓަށް ޒިޔާރަތްކޮށްފިއެވެ. އިންޑިއާ ހައިކޮމިޝަނުން ހާމަކުރިގޮތުގައި މި ޒިޔާރަތަކީ 4 މެއި އިން 10 މެއި 2025 އަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗް.އޭ.ޑީ.އާރު) ތަމްރީނު ޕްރޮގްރާމުގެ ބައެކެވެ.
މި ތަމްރީނަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ދިފާއީ އަދި ކަނޑުގެ އެއްބާރުލުމުގެ ހެއްކެއް ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ. އަދި މިއީ އިންޑިއާގެ "މަހާސާގަރ" (މިއުޗުއަލް އެންޑް ހޮލިސްޓިކް އެޑްވާންސްމަންޓް ފޮރ ސެކިއުރިޓީ އެންޑް ގްރޯތް އެކްރޮސް ރީޖަންސް) ވިޝަންއާ އެއްގޮތްވާ ގޮތުގެ މަތިން، އިންޑިއާ ކަނޑު ސަރަޙައްދުގައި އަމާންކަމާއި، ސުލްހަވެރިކަމާއި، ކުރިއެރުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި އެޗް.އޭ.ޑީ.އާރު ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ އިންޑިއަން ނޭވީ އާއި އެމް.އެން.ޑީ.އެފް އާ ދެމެދު އިންޓަރއޮޕަރަބިލިޓީ އިތުރުކުރުމެވެ. މި ތަމްރީނުގައި ޤުދުރަތީ ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ސަލާމަތްކުރުމުގެ މަސައްކަތްތަކާއި، މެޑިކަލް އެހީތެރިކަމާއި، ލޮޖިސްޓިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެކުގައި ކުރެވޭ ތަމްރީނުތަކާއި، މުޖުތަމައުއާއެކު ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
މިފަދަ އެއްބާރުލުމުގެ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ހައިކޮމިޝަނުން ބުނެއެވެ.


