Tuesday, 28 July 2026

ވޭޕް މަނާ ކުރުމުގެ ގާނޫނު އޮތްގޮތުން، އެތަކެތި އެތެރެެ ކުރާ މީހުން ވަރަށް ބޮޑު ޖޫރިމަނާއެއް ކުރަންޖެހޭ: ކަސްޓަމްސް

ވޭޕް އެތެރެކުރާ ފަރާތްތަކަށް މިހާރުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ޖޫރިމަނާގެ އަދަދު ވަރަށް ބޮޑުކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިކަން ފާހަގަކުރައްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، މިހާރުގެ ގާނޫނުގައިވާ ގޮތުން އާންމު ފަރުދުންނަށް އުފުލަން ދަތި ބޮޑެތި ޖޫރިމަނާތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ކަސްޓަމްސްގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ސިމާހު ވިދާޅުވީ، މިހާރުގެ ގާނޫނުގައި ވޭޕް އެތެރެކުރުމުގެ ފުރަތަމަ ކުށަށް 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އިތުރަށް ފެންނަ ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވަމުންދާ ގޮތަށް އޮތުމުން، ބައެއް ފަރާތްތަކަށް މިލިއަނުން ޖޫރިމަނާ ކުރަންޖެހިފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް ދެ މައްސަލައެއްގައި އެއް ފަރާތެއް 48 މިލިއަން ރުފިޔާއިން އަދި އަނެއް ފަރާތެއް 40 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހިފައިވާކަން ސިމާހު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑެތި ޖޫރިމަނާތައް އާންމު ފަރުދުންގެ އަތުން ހޯދުމަކީ ދަތިކަމަކަށް ވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސިމާހު އިތުރަށް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އެކުލަވާލާއިރު، އެ ގާނޫނުތަކަކީ ތަންފީޒުކުރަން ފަސޭހަ އަދި ޢަމަލީގޮތުން ހިންގުމަށް އެކަށީގެންވާ ގާނޫނުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިލަށް ގެންނަންޖެހޭ ބައެއް މުހިންމު އިސްލާހުތައްވެސް އޭނާ ކޮމިޓީއާ ހިއްސާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *