ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް-އަހްލީން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމާ ގުޅިގެން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 1 މިލިއަން ސައުދީ ރިޔާލު (266،000 އެމެރިކާ ޑޮލަރު) ގެ އިނާމެއް ދޭން ނިންމައިފިއެވެ.
ސައުދީ ނޫސް "އަރްރިޔާދިއްޔާ" އިން ރިޕޯޓުކުރި ގޮތުގައި މި "ޚާއްސަ" އިނާމުގެ ފައިސާ ހަމަޖައްސާނީ ކްލަބުގެ މެނޭޖްމަންޓާއި މިނިސްޓްރީ އޮފް ސްޕޯޓްސް އިން ގުޅިގެންނެވެ. މީގެ ތެރެއިން 700،000 ރިޔާލު ދޭނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ މިލްކިއްޔާތުގައިވާ އަލް-އަހްލީ އިން ކަމަށާއި، 300،000 ރިޔާލު ދޭނީ މިނިސްޓްރީ އިން ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މީގެ ކުރިން ސައުދީ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް-ފައިސަލް ވަނީ ކޮންމެ ކުޅުންތެރިއަކަށް ސަރުކާރުން 300،000 ރިޔާލުގެ އިނާމެއް ދޭނެކަން އިއުލާނުކުރައްވާފައެވެ. މީގެ ތެރެއިން 100،000 ރިޔާލު ދެނީ ފައިނަލަށް ގޮސްފައިވާތީ ކަމަށާއި، 200،000 ރިޔާލު ދެނީ މުބާރާތް ކާމިޔާބުކުރުމާ ގުޅިގެންނެވެ.
މި އިނާމުގެ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅުންތެރިންނަށް ލިބޭނެ ކަމަށް އަރްރިޔާދިއްޔާ އިން ބުނެފައިވެއެވެ.
ޖިއްދާގައި ހުންނަ އަލް-އިންމާ ސްޓޭޑިއަމްގައި ބޭއްވުނު ފައިނަލް މެޗުގައި ޖަޕާނުގެ ކަވަސަކީ ފްރޮންޓާލެ އާ ކުރިމަތިލައި 2-0 އިން މެޗު ކާމިޔާބުކޮށް، އަލް-އަހްލީ ވަނީ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައެވެ.


