އުތުރުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައަކީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި ހިނގި ހާދިސާއެކެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.


