ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލާގައި ފިޔަވަޅު އެޅުމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ގޮވާލައިފި އެވެ.
ފަލާހު މިފަދައިން އިންޒާރު ދެއްވީ، އިއްޔެ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
"މިއަދު ވަރަށް އަސަރާ އެކު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކީ ވެސް މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް. އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް އަޅުގަނޑަކީ" ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވެފައިވެއެވެ.
އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ލާންވީ ޖަލަކަށް ނޫންކަމަށާއި، ސީދާ އުލުބައިންދަންވީ ކަމަށެވެ.
މި މައްސަލައިގައި އެމްޖޭއޭއިން ނެރުނު ބަޔާނުގައި ވަނީ، މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ގޮވާލައްވާފައިވާތީ، ވެރިކަންކުރާ ޕީއެންސީން ފަލާހުއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށާއި، އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށް ގޮވާލައްވާފައެވެ.


