Tuesday, 28 July 2026

ގަތަރުގެ ކުންފުންޏަކާ އެކު 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ރާއްޖޭގައި ގާއިމުކުރަނީ

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަށް 8.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ރޭ ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުގައެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މަރުވާން އަލްހާޖެރީއެވެ. މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޝައިޚް ނާއިފް ބިން އަލް ޘާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މެގަ ޕްރޮޖެކްޓް ތަރައްގީކުރެވޭނީ 780،000 އަކަމީޓަރުގެ ބިމެއްގައެވެ. މި ސަރަހައްދުގައި 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖެހޭނެ ކަމަށާއި، ދުވާލެއްގެ މައްޗަށް 35،000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި ބިޔަ މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ ފައިނޭންޝަލް ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ އޮފީސް ޓަވަރުތަކާއި، ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭ ރެސިޑެންޝަލް ޢިމާރާތްތަކާއި، ލަގްޒަރީ ހޮޓާތަކާއި، ޒަމާނީ ރީޓެއިލް ސަރަހައްދުތަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ސްކޫލެއް ހިމެނޭނެއެވެ.

އެމްއައިއެފްސީން ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ކުރިއެރުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒަކަށް ރާއްޖެ ވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައުލަތަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *