ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާ މެދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް އެ ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ.
މި މައްސަލައަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކާ ގުޅިގެން ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ބެލުނު މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުން ވެސް ވަނީ އިންކާރުކޮށްފައެވެ.
ޖޭއެސްސީގެ ތަޙުޤީޤު ކޮމިޓީގައި ހިމެނެނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙު އާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީން މުޙައްމަދާއި ވަކީލުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރައްވާފައިވާ ޢަލީ ޢަބްދުއްލަޠީފެވެ. މި ކޮމިޓީން ނިންމި ނިންމުން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. މި މައްސަލައިގެ އިތުރުން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ހުތުރުބަހުން މުޢާމަލާތްކުރެއްވި ކަމަށް ބުނާ މައްސަލައިގައި، އެ ޙާދިސާ ހިނގިއިރު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވެސް އެތަނުގައި ތިއްބެވި ކަމަށް ބުނާ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
މިވަގުތު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވީ ސަސްޕެންޝަނެއްގައެވެ. އަދި މި މައްސަލަތަކާ ގުޅުންހުރި ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.


