ރާއްޖޭގައި ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯ މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ މުހާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1،207 ޖެނެރިކް ބޭހުގެ ތެރެއިން މިވަގުތު އެސްޓީއޯއިން 784 ބޭސް ލިބެން ހުންނާނެ އެވެ. އަދި އިތުރު 308 ބާވަތުގެ ބޭސް ގެނައުމަށް މިހާރު ވަނީ އޯޑަރު ކުރެވިފައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޭހުގެ އަގުތަކަށް އަންނަ ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ވިއްކާ 77 ބޭހެއްގެ އަގު މުރާޖަޢާކޮށް، މިރޭ އިން ފެށިގެން އައު އަގުތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ. "މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ބޭސް އިމްޕޯޓްކުރާ ފަރާތްތަކަށް ހިތްވަރުދީ، ބޭހުގެ ސްޓޮކް ދެމެހެއްޓުމަށް މަގުފަހިކުރުން،" ރައީސް ވިދާޅުވި އެވެ.
ބޭހުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން 115 އައު ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވި އެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި މިވަގުތު ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން އަވަސް މުސްތަގުބަލެއްގައި ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.


