ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން، ކުޑަ އާބާދީތަކުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގައި އަންހެނުންގެ ތަމްސީލު 40 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، އާބާދީ 2،000 އަށްވުރެ މަދު ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ހަމަޖައްސައި، އާބާދީ 2،000 އަށްވުރެ ގިނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
މި އިސްލާހުތަކުގެ ދަށުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އަދަދުތައް ވެސް ހަމަ މި އުސޫލުން ބަދަލުކުރެވޭނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން އިންތިޚާބުކުރެވޭ ފަރާތަކަށް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
"ނިޒާމު ބޮޑުވީމައި އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް ރަށެއްގެ ނަން ނުނިކިޔެއް ކަމަކު ސްކޫލެއް ނެތް ރަށެއް، ވިއްސަކަށް މީހުން ދިރިއުޅޭ ރަށެއް، ފަސް ކައުންސިލަރުން އެބަތިބި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުމަށާއި، ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް ވެސް މި އިސްލާހުތަކުގައި ހިމެނެއެވެ. މި އިސްލާހުތައް ހިމެނޭ ބިލަކީ، މި އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ 30 ބިލުގެ ތެރެއިން ބިލެކެވެ.


