ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު މުޖުތާޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މަޖިލީހުގެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުން މި މަޤާމަށް މުޖުތާޒް ހޮވުމަށް ވަނީ ފާސްކޮށްފައެވެ.
މި މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ މުޖުތާޒްގެ ނަންފުޅަށް ތާއީދުކުރައްވާފައެވެ.
ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ މުޖުތާޒަކީ، ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. މީގެ ކުރިން، މި މަހުގެ 20 ވަނަ ދުވަހު، މުޖުތާޒް ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެވިފައެވެ.
ސީއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ، އެ މަޤާމުން އޭނާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅިފައިވަނިކޮށެވެ.
މަޖިލީހުގެ ރުހުން ލިބުމާއެކު، ސީއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމަށް މުޖުތާޒް ރަސްމީކޮށް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.


