މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބަންދު އިތުރު 10 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމަށްފަހު، އިތުރު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގައި ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުގީގުތަކުން، އަންހެން މީހާ ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ. އަދި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމާއި މަސްތުގެ ހާލަތުގައި ހުރި ކަމަށްވެސް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިޒުދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފައިވާއިރު، ރައުދުގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައިގައި ބައިވެރިވި އެންމެންގެ ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފައިވާއިރު، މައްސަލައާ ގުޅިގެން މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ބުރި އާއި ގ. ކަށިވެލީގެ ތިންވަނަ ބުރި ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.


