ބޯހިޔާވަހި ކަމަށް ދޫކުރާ "ހިޔާވަހި ފައިނޭންސިން" ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު، މި ފެށޭ މެއި މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ ސްކީމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އިއްޔެއަށެވެ.
އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ އެކްސްގައި ވިދާޅުވީ އަށެއް ނޮވެންބަރު 2024 އިން ފެށިގެން ހިޔާވަހި ސްކީމަށް އެދި ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މުއްތަލިބު މިއަދު ވިދާޅުވީ، އެ ޕްރޮގްރާމުގެ ތިން ސްކީމަށް ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭއިރު އެއީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ. އެހެންވެ، ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ އެ މުއްދަތު މޭ 31 އާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަ ކޮށްފައެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.


