ބ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގައި ދިވެހި ޒުވާނެއްގެ ހަށިގަނޑު މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައިގައި، މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީއެއް ހަދަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މަރުވެފައިވާ ފަރާތަކީ 21 އަހަރުގެ ދިވެހި ޒުވާނެކެވެ. އެހެންނަމަވެސް މި ހާދިސާ ހިނގި ރިސޯޓުގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވިފައިވާތީ، މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީއެއް ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމާފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


