މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހިސާމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން އިއްޔެ ވަޅުލައިފި އެވެ.
ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާފަންނުގައި ހުންނަ ގެއެއްގައި މ. އަލުވިމާގެއާގެ، މުހައްމަދު ހިސާމް (40އ) މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ 16:40ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާ ކުރި ކަމަށެވެ. އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދާ ހަމައަށް ބާއްވާފައި އޮތީ މޯޗަރީގަ އެވެ.
ނަމަވެސް، އެ ގޮތަށް އާއިލާއިން ބޭނުން ނުވާތީ، ހަށިގަނޑު އިއްޔެގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ޖަނާޒާގެ ކަންކަން ނިންމައި އިއްޔެ އަސުރު ނަމާދަށް ފަހު ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.


