ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.
މި ޝަރަފު އެރުވީ ޑޮކްޓާ އޮފް ފިލޯސަފީގެ އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިންނެވެ. ރައީސް މުއިއްޒަށް ޝަރަފް ދެއްވީ އައިއައިޔޫއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ޓުންކޫ އަޒީޒާ އައިމިނާ އެވެ.
މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ. ރައީސް މިއަދު ވަނީ އެ ޔުނިވަސިޓީގައި ތަގްރީރުވެސް ކުރައްވާފައެވެ.
މީގެކުރިން މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން މި ޝަރަފް އެރުވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ހިމެނިވަޑައިގަންނަވައެވެ.
އެ ޝަރަފު ރައީސް މުއިއްޒަށް އެރުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވި ދައުވަތަކަށް ރައީސް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ. މި މަހުގެ 27 ގައި ފެށި އެ ދަތުރު ނިންމައިލާނީ މާދަމާ އެެވެ.


