ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް, ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހު އެވެ.
މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.
ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
- މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
- އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
- ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
- އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ


