ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 13 ރަށަކުން 14 ކައުންސިލް މުވައްޒަފުން އިއްޔެ އިންޑިޔާއަށް ފުރައިފިއެވެ. މި ތަމްރީނުގައި ބައިވެރިވާ މުވައްޒަފުންނަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުގެ މުވައްޒަފުންނެވެ.
އިންޑިޔާގެ ޓީ.އީ.އާރް.އައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ 4 ދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށޭނީ އޭޕްރިލް 29 ވަނަ ދުވަހު ކަމަށްވާއިރު، ނިމޭނީ މެއި 2 ވަނަ ދުވަހުއެވެ.
މުވައްޒަފުން ފުރުމުގެ ކުރިން ބޭއްވުނު ޚާއްސަ ބައްދަލުވުމެއްގައި، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ވަނީ ބައިވެރިންނަށް އިރުޝާދު ދެއްވާފައެވެ. އަދި ބައިވެރިންނަށް ހެޔޮ އެދުންތައްވެސް ވަނީ ފާޅުކުރައްވާފައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ތަމްރީނުން ލިބޭ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.


