ފަސް މީހުންނާ އެކު ގދ. ގައްދޫން ފުރައިގެން ހުޅުމާލެ އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށާއި މި ދޯނީގައި ތިބީ 5 މީހުން ކަމަށެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ. އެއީ ރޭ 8:04 ހާއިރެވެ.
ފުލުހުން މިރޭ ބުނީ އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގައި ކަމަށެވެ. އެއިރު ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އޭގެ ފަހުން ދޯންޏާއި ގުޅިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
"މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފަ އެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ." ފުލުހުން އިތުރަށް ބުނެފައިވެއެވެ.


