މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު މެލޭޝިއާއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅުގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި ތަޤުރީރެއް ދެއްވުން ހިމެނެއެވެ.
މީގެއިތުރުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


