އެމްއެންޑީއެފްގެ ކޯސްޓްގާޑް ބޯޓު ހުރަވީ، އިންޑިއާގެ މުންބާއީގައި ހުރެ ކުރި މަރާމާތުތައް ނިންމުމަށްފަހު މިއަދު ރާއްޖެއަށް ދަތުރު ފަށައިފިއެވެ. މި ބޯޓު މަރާމާތު ކުރުމަށް މުންބާއީއަށް ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހުއެވެ.
އިންޑިއާ ނޭވަލް ޑޮކްޔާޑް މުންބާއީގައި ހުރެ ކުރި މަރާމާތުތަކުގައި، ބޯޓުގެ މެޝިނަރީތަކާއި، ހަތިޔާރުތަކާއި، ސެންސަރުތަކުގެ މަރާމާތުތަކާއި އަދި ބޯޓުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މަރާމާތުތައް ނިންމުމަށްފަހު، ބޯޓު ބަނދަރުގައި އަދި ކަނޑުމަތީގައި ޓެސްޓުކުރުމުގެ އިތުރުން، އެކުއިޕްމަންޓްތަކުގެ އޮޕަރޭޝަނަލް ޗެކްތަކާއި، ސަލާމަތީ އޮޑިޓްތަކާއި އަދި އޮޕަރޭޝަނަލް ކަނޑުމަތީ ތަމްރީނުތައްވެސް ވަނީ ފުރިހަމަކޮށްފައެވެ.
ހުރަވީ ބޯޓު މަރާމާތުކޮށް ނިންމާލުމަކީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހަރުދަނާ ޑިޕްލޮމެޓިކް އަދި މިލިޓަރީ ގުޅުމުގެ ހެއްކެކެވެ. އަދި މި ސަރަޙައްދުގައި އިންޑިއާއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިހުރުމުގެ ޔަޤީންކަން އާކޮށްދޭ ކަމެކެވެ.


