އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަން ނިންމާފައިވާ 'އޮނަރަރީ ޑޮކްޓަރޭޓް’ގެ ޝަރަފު ނުއެރުވުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ އިން އެދިއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން, އައިއައިޔޫއެމްއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ތަގުރީރެއް ދެއްވުމަށް ވަނީ ނިންމަވައިފައެވެ. އަދި އެ ރަސްމިއްޔާތުގެ ތެރެއިން ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވަން ޔުނިވާސިޓީގެ އެކި ކޮމެޓީތަކުގައި ދިޔައީ މަޝްވަރާ ކުރަމުންނެވެ.
ނަމަވެސް އެ ޝަރަފް އަރުވަން އެ ޔުނިވާސިޓީގެ ސެނެޓުން ނިންމާފައިވާކަން އަދި އެނގިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރައީސަށް އެ ޔުނިވާސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި, އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ވަކި ވަކިން ޔުނިވާސިޓީއަށް ސިޓީ ފޮނުއްވައިފައެވެ. އޭގެ ތެރޭގައި ދާދިފަހުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވި, ހުސްނުއްސުއޫދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެމަނިކުފާނު ދެއްވި ހަމަލާއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އދ. އިން ވެސް އެކަން ކުށްވެރިކުރިކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ރައީސް މުއިއްޒުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ކަންބޮޑުވާ ދަރަޖައަށް ސުވާލު އުފެދިފައިވާ ކަމަށް ވެސް އެ ސިޓީގައި ހެއްކާއެކު ފާހަގަކޮށްފައިވެ އެވެ.
"މި ހަމަތަކަށް ފަރުވާކުޑަކުރާ ލީޑަރަކަށް އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު ދިނުމަކީ ޔުނިވާސިޓީގެ އަބުރު ގެއްލި، މިފަދަ މުހިންމު މައްސަލަތަކުގައި ޔުނިވާސިޓީން ހިފަހައްޓަމުން އައި ސްޓޭންޑާމެދު ނޭދެވޭ މެސެޖެއް ދެވޭނެ ކަމެއް،" ސިޓީގައިވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ, އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައަވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅު ކުރައްވާނީ މިއަދުން ފެށިގެން ބުދައަށެވެ.


