63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2025 ގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު މާލޭ ޓީޓީ ހޯލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ފައިނަލް މެޗް ބައްލަވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ 1 ވަނަ ޑިވިޜަންގެ އެކި ކެޓަގަރީތަކުގެ ވިޖެތުންނަށް އިނާމު ދެއްވާފައެވެ. މިގޮތުން އަންހެން އަދި ފިރިހެން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތަކުގެ ވިޖެތުންނަށް އިނާމު ޙަވާލުކޮށްދެއްވީ ސާޖިދާ މުޙައްމަދެވެ.
އޮގަސްޓް 25 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ޖުމްލަ 95 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ފިރިހެން އަދި 37 އަންހެން ކުޅުންތެރިންނެވެ. މުބާރާތުގެ އެހެނިހެން ވަނަތަކަށްވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި ދައުލަތުގެ އެހެނިހެން ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


