މާލޭގެ ހޭންވޭރުގައި ހުރި ގެއެއްގެ ފުރާޅަށް ވެއްޓުނު އަންހެން ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ރޭ އިހުތިޖާޖު ކޮށްފިއެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.
މިކަމާއި ގުޅިގެން އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ކެމެރާއާއި ފޯނު ވެސް ނުވެއްދޭ ގޮތަށް ބޭއްވި އެ ބައްދަލުވުމުގައި ސީސީޓީވީ ފުޓޭޖުތަކެއް ވެސް ފުލުހުން ދެއްކި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ފުލުހުން ވަނީ އަންހެން ޒުވާނާއާއެކު އުޅުނު ފިރިހެން މީހާ ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފަ އެވެ. ފިރިހެން ޒުވާނާގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ އިމާރާތުން ޒުވާނާ ވެއްޓުނީ ފެންލައިޓުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އިމާރާތަށް ދެ ޒުވާނުން ދިއުމުގެ ކުރިން މާލޭގެ މައްޗަންގޯޅީގައި ހުރި ގެއަކާއި ފަހުން ވަން އިމާރާތާ ކައިރީ ހުރި އެހެން ގެއަކަށް ވެސް މި ޒުވާނުން ގޮސްފައިވެ އެވެ.
މި މައްސަލާގައި ބޮޑެތި ތުހުމަތުތައްކޮށް، ސޯޝަލް މީޑިއާގައި ދަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވެސް މައްސަލަ ހޫނުވެފައިވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ގައިރު ގާނޫނީ ކަންކަން ހިނގާފައިވާ ކަމަށް ފެންނަން އޮތް އިރު އެ ކަން ފުލުހުން ތަހުގީގު ކުރަން ނޫޅޭ ކަމާއި އެހެން މައްސަލަތަކާ ތަފާތުކުރުންތަކެއް ފާހަގަވާތީ އެވެ.
މި މައްސަލައާއި ސިޔާސީ ބާރުގަދަ ބައެއް މީހުންގެ އާއިލާތަކާ ވެސް ދަނީ ގުޅުވަމުންނެވެ.
މި މައްސަލައިގައި އެންމެންނާ މެދު ހަމަހަމަކޮށް އަމަލު ކުރުމަށް އެދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި ޒުވާނުން ރޭ އަޑު އުފުލާފައިވަނީ އިންސާފު ހޯދައި ދިނުމަށެވެ.


