Tuesday, 28 July 2026

ގުރުއާން ކުލާސްތަކަށް ސައުދީން 25،000 މުސްހަފު ހަދިޔާކޮށްފި

ރާއްޖޭގައި ހިންގާ ގުރުއާން ކުލާސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން 25،000 މުސްހަފު މިއަދު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މުސްހަފުތައް އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރެއްވީ ސައުދީ އެމްބަސީގެ ފަރާތުން ފަހުދު އަލްދޯސްރީ އެވެ. މިނިސްޓްރީގެ ފަރާތުން މުސްހަފުތައް ބަލައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި މުސްހަފުތަކަކީ ގުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ރަމްޒީ ހަދިޔާއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު ޝަހީމް ވަނީ ރާއްޖެއަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒް އާއި ވަލިއްޔުލް އަހުދު އަލްއަމީރު މުހައްމަދު ބުން ސަލްމާން އަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުރުއާން ކުލާސްތަކާއި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ފުޅާކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *