ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރީގެ ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި މުޖުތާޒްގެ ނަން ފާސްވެފައިވަނީ 71 މެންބަރުންގެ ތާއީދާއެކުގައެވެ. އެއްވެސް މެންބަރަކު ވޯޓުގައި ދެކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. މި މަޤާމަށް މުޖުތާޒްގެ ނަން ހުށަހަޅުއްވާފައިވަނީ ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 7 ވަނަ ދުވަހުއެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްކަން ކުރެއްވި އިބްރާހިމް ރަޝީދު މިދިޔަ މާރިޗު މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެ މަޤާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ ގުޅިގެންނެވެ.
މުޖުތާޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
މުޖުތާޒްގެ ނަން ސީއެސްސީގެ މެންބަރުކަމަށް ހުށަހެޅުމުން، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެ މަޤާމަށް އޭނާ އައްޔަންކުރުމަށް ފެންނަކަމަށް ނިންމާފައެވެ.


