Tuesday, 28 July 2026

ކުށްވެރިންނަށް އަމިއްލައަށް އަދަބުދީ އަނިޔާ ނުކުރުމަށާއި، އެފަދަ މަންޒަރުތައް ދައުރުނުކުރުމަށް އެޗްއާރްސީއެމްއިން ގޮވާލައިފި

ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް އަމިއްލަ ގޮތުން އަދަބުދީ، އެފަދަ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާތީ، އެފަދަ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ގޮވާލައިފިއެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނަކީ، ކ. މާފުށީގައި ވައްކަމުގެ ތުހުމަތެއްގައި ހުރި މީހެއްގެ ބޮލަށް ކުލަ އަޅައި އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައި ފެތުރި، އެކަމާމެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި ނެރުނު ބަޔާނެކެވެ.

އެޗްއާރްސީއެމްއިން އާންމުކުރި ބަޔާނުގައި އިސްކަންދީފައިވަނީ މިފަދަ މައްސަލަތައް ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. އަދި އެއްވެސް މީހަކު އަނެކާގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަމެއް ގެނެސްގެން ނުވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ލަސްނުކޮށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ގޮވާލައިފައިވެއެވެ. މީގެ އިތުރުން ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އަބަދުވެސް ހަމަޖެހުމާއި މަސްލަހަތު އިސްކޮށް، ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންގެ ގާތުން އެދިފައިވެއެވެ.

މި ބަޔާން އާންމުކުރުމާ ގުޅިގެން، މުޖުތަމައުގެ ފަރާތުން ވެސް މިފަދަ އަނިޔާވެރި އަމަލުތަކަށް ފާޑުކިޔަމުންދާއިރު، ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގުކުރަން ފަށައިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *