އއ. ރަސްދޫގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް އިއްޔެ ނިޔާވެއްޖެއެވެ. މިއީ މި ހާދިސާގައި ފިހުނު އޭނާގެ އަނބިމީހާ ވެސް ނިޔާވުމަށްފަހު ދެވަނައަށް ލިބުނު ހިތާމަވެރި ޚަބަރެވެ.
މި ހާދިސާގައި ފިހުނު އަލީ ސާމިން (31 އަހަރު) ގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފައެވެ. ސާމިން ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ފުރަތަމަ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ހާދިސާގައި ފިހުނު ސާމިންގެ އަނބިމީހާ، އައިޝަތު ރިފްގާ ނިޔާވެފައިވަނީ ހުސްވި މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އއ. ރަސްދޫގައި މި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހާދިސާއަކީ މުޅި ރާއްޖެ ސިހުނު ހާދިސާއަކަށް ވެފައިވާއިރު، މި ދެމަފިރިން ނިޔާވުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ފުން ހިތާމައެއް ފާޅުކޮށްފައެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


